Sunday, April 5, 2015

ވިސްނިއްޖެއެވެ.


މިއަދު އަހަރެންނަކީ ކޮންފަދަ ނަސީބުވެރި މީހެއް ހެއްޔެވެ؟ އަހަރެން މިއަދު މިވަނީ އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައެވެ. އަހަރެންނަށް ވުރެ ނަސީބު ގަދަ މީހެއް މިދުނިޔޭގައި ހުންނާނެ ކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރެއެވެ. އަހަރެންނަށް މިއަދު މި އުފާވެރިކަން ހޯދައިދިނީ އަހަރެންގެ ލޯބިވާ މަންމަ އެވެ. މައިވަންތަކަމުގެ ލޯތްބަކީ ދުވަހަކު ފަނޑުވުމެއްނެތް އަލިގަދަ ނޫރެއްކަން މިއަދު އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެކަން ޤަބޫލު ނުކުރެވުނު ދުވަސްތަކުގައި އަހަރެން ގުނަމުން ދިޔައީ ހަޔާތުގެ ކަޅު ސަފްހާތަކެވެ. އެއީ ކޮންފަދަ ހިތާމަވެރި ތަޖުރިބާ ތަކެއްހެއްޔެވެ؟
އަހަރެންގެ އުމުރުން އެންމެ ތިންއަހަރުގައި އަހަރެންގެ ބައްޕަ މި ފަނާވަނިވި ދުނިޔެއާއި ވަކިވެއްޖެއެވެ. ބައްޕަ ނިޔާވުމަށްފަހު އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ އަހަރެންގެ މަންމަ އެވެ. މަންމަގެ ލޯބީގެ އިތުރަށް ބައްޕައެއްގެ ލޯބިވެސް ދީގެންނެވެ. އަހަރެން މޮޅުމީހަކަށް ހެދުމަށްޓަކައި މަންމަ ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ނުވަނީ ކޮން ޤުރުބާނީ އެއް ހެއްޔެވެ؟ ފަންގިވިނދެ، ރޯނުވަށާ ގޭގެއަށްގޮސް އުނދުން ހަދައިދީ އަދިވެސް އެހެނިހެން މަސައްކަތްތައް ކޮށްގެން މަންމަ ހޯދާ ފައިސާކޮޅު ހޭދަކުރީ އަހަރެންގެ ތަފާތު ބޭނުންތަކަށެވެ. އަހަރެން އުފަލުގައި ބެހެއްޓުމަށެވެ. މަންމަ އެކޮށްދިން ބުރަ މަސައްކަތް އޭރު އަހަރެންނަށް އިޙްސާސް ކުރެވުނެވެ.
މަންމަގެ އަބަދުވެސް އުންމީދަކީ އަހަރެން މޮޅުމީހަކަށް ވުން ކަމަށްވާތީ މަންމަގެ އެ އުއްމީދުތައް ހާސިލް ކޮށްދެވޭތޯ އަހަރެން ގަދައަޅާ މަސައްކަތް ކުރީމެވެ. ކަންދިމާކުރި ގޮތުން ޖީސީއީ އޯލެވެލް އިމްތިހާނުން އަހަރެންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނެވެ. އެހެންކަމުން މަންމަ ބޭނުންވީ އަހަރެން މާލެ ފޮނުވާށެވެ. އިތުރަށް ކިޔެވުމަށެވެ. އަހަރެން ވަރަށް އުފާވިއެވެ. އެހެން ނަމަވެސް އުފަލަށްވުރެ ވީ ދެރަ ވަކީން ކުޑައެއް ނޫނެވެ. ސަބަބަކީ އެއީ އަހަރެންގެ ޙަޔާތުގައި މަންމައާ ދުރަށް ދާންޖެހުނު ފުރަތަމަ ފަހަރެވެ.
އެހެން ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސްފަހުން މަންމަ އެދުނު އެދުމުގެ މަތީން އަހަރެން މާލެއަށް ދިޔައީމެވެ. ދެ ހިތްވެސް ރޮއިރޮއި އޮށްވައެވެ. އެހެން ނަމަވެސް މުސްތަޤްބަލަށްޓަކައެވެ. މަންމަގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެއްސުމަށްޓަކައި، މޮޅު މީހަކަށް ވުމުގެ ފޮނި އުއްމީދުގައެވެ. އެންމެ ކުޑައިރުއްސުރެ ވިޔަފާރީގެ ދާއިރާއަށް ޝަޢުޤުވެރިކަން ހުރުމުން އަހަރެން ޚިޔާރުކުރީ އެދާއިރާއެވެ. އަހަރެން މާލެ ދިއުމަށްފަހު ބަރާބަރަށް މަންމަގެ ހާލު ބަލަމުން ގެންދިޔައީމެވެ. ކިޔެވުންވެސް ވަރަށް ރަނގަޅަށް ކުރިއަށްދިޔައެވެ.
އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަވަހަށް އޮފީހަށް ދިއުމަށްޓަކައި، އަހަރެން ދިއައީ ބާރު ސްޕީޑުގައި މާލޭގެ އެންމެ ހަލަބޮލި މަގުކަމުގައިވާ މަޖީދީ މަގުންނެވެ. ސްކޫލުތަކުން އަންނަ ކުދިންނާއި، ދާ ކުދިންނެވެ. އޮފީހަށްދާ މީހުންނެވެ. މެންދުރުގެ ކެއުމަށް އިންސާފު ކުރަން އެކިތަންތަނަށްދާ އެކި އުމުރުގެ މީހުންނެވެ. އެހަލަބޮލި މަގުން ލާފައި އަހަރެން އެންމެ އިރުމައްޗަށް ވީ ގޯޅީން ލަބައިލީމެވެ. ހަމައެވަގުތު އެމަގުން އައި ކާރެއްގައި އަހަރެންގެ ސައިކަލް ޖެހުނެވެ. މާބޮޑު ގެއްލުމެއް ނުވިކަމުގައިވިއަސް ސައިކަލުގެ ކުރީކޮޅަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއްލިބިފައިވެއެވެ.
ކާރުގައި ދުއްވަން އިންމީހާ އާއި ދިމާއަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން އެކާރުން ނުކުތީ އަހަރެންނާއި ދާދި އެއް އުމުރުގެ އަންހެން ކުއްޖެކެވެ. އެފަދަ ރީތިކަމެއް މީގެ ކުރިން ނުދެކެމެވެ. އެންމެ ހެޔޮވަރުގެ ދިގުމިނަކާއި، ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ހަމުގެ ކުލަދޮން ފަންއިސްތަށިގަނޑެއްގެ ވެރި ރީތި ކުއްޖެކެވެ. އަނެއްކާ މިއީ ދުނިޔެމަތީގެ ކަމެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ފަރި ރީތި ހޫރުޕަރީއެއް ފަދަ ކުއްޖާއަށް ބަލަން ކަޅިވެސް ޖަހާނުލާ ހުރެވުނެވެ. އަހަރެންނަށް ހޭވެރިކަން ކުރިމަތީގައި ހުރި ކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ''ސޮރީ.'' އެކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ މޭފިނިވެގެން ދިޔައެވެ. އަހަރެންނަށް އެފިޔަވަޅު މަތީ ހުއްޓި ހުރެވުނެވެ. ދެއަކުރުން ނިންމާލުމަށްފަހު، އެއަންހެން ކުއްޖާ ކާރަށް އަރައިގެން ދިޔައީއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންނަކީ ކުލަ އަލި ރީތި ''ފިރިހެންވަންތަ'' ކުއްޖެއް ކަމަށް ރަށްޓެހިން ބުނެއެވެ. އަހަރެންނަށްވެސް ޤަބޫލުކުރެވިފައިވަނީ އެގޮތަށެވެ. ނަތީޖާއަކަށްވީ އަހަރެންނަށް ހިތް ކިޔަމުންއައި އަންހެން ކުދިންގެ ޢަދަދު ގިނަވުމެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ދެވުނީ ''އެކްސިޑެންޓް'' ވި ކުއްޖާއަށެވެ. އޭނާ ފެނުމަށްފަހު އަހަރެންގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް މޯޅިއަށް ދެމެންފެށިއެވެ. އާދެ! ލޯތްބޭ މިކިޔާ އިޝްޤީ ކުޅިގަނޑުގައި ހަމަރަނގަޅަށްވެސް އަހަރެން ހައްޔަރުވެއްޖެއެވެ. އަހަރެންގެ ގާތްރައްޓެއްސެއްގެ ބުރަ މަސައްކަތުން އެކުއްޖާއާއި ބެހޭ ފުރިހަމަ މަޢުލޫމާތު ލިބުނެވެ. އެއީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަކީ ޔުމްނާއެވެ. ލޯބިން ކިޔަނީ ޔުމް އެވެ. އަހަރެންނަށް ޔުމް ދެކެ ވެވުނީ ފުން ލޯތްބެކެވެ. ކުރެވުނު މަސައްކަތުން ޔުމްއާ ރައްޓެހިވެ، ކިޔެވުން ނިމޭހާ އަވަހަކަށް ކައިވެނި ކުރަން އަހަރެން ބޭނުންވިއެވެ. ޔުމް ވެސް ބޭނުންވީ އެގޮތެވެ.
އަހަރެންގެ ކޯސް ނިމޭ ދުވަސް ކައިރިވަމުން އައިވަރަކަށް އަހަރެންގެ މަންމަގެ އުފާވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެއީ އަހަރެން ރަށަށް ދާނެތީއެވެ. އެހެން ނަމަވެސް އޭރު އަހަރެންގެ ޚިޔާލު ހުރީ މުޅިން ބަދަލުވެފައެވެ. މާލޭގެ ދިރިއުޅުމަށް ހޭނިފައެވެ. މާލޭގެ ފެންބޮވިފައެވެ. އަހަރެން މާލެ ކުއްޖަކާ އިންނަން އުޅޭ ޚަބަރު މަންމަ އަށް ދިނުމުން މަންމަ ވަރަށް ދެރަވެ ރުޔެވެ. އެނބުރި ރަށަށް ދިޔުމަށްއެދި އާދޭސް ކުރިއެވެ. އެހެން ނަމަވެސް އެދުވަހު އަހަރެންގެ ކަންފަތް ބީރުވެފައި ހުރި ކަހަލައެވެ. ނަތީޖާއަކަށްވީ އެންމެ ފަހުން އަހަރެންގެ އުފަލަށްޓަކައި މަންމަގެ އުފާތައް ޤުރުބާން ކުރުމެވެ. ހަމަ އަހަރެންނަށްޓަކައެވެ.
އަހަރެންގެ ކޯސް ނިމުމަށްފަހު ނަތީޖާ ލިބުނެވެ. އެއީ އަހަރެންގެ މަންމަ އަދި އަހަރެންވެސް އުންމީދު ކުރި ފަދަ ނަތީޖާއެކެވެ. އެހެންކަމުން ވަރަށް ފަސޭހައިން ރަނގަޅު ވަޒީފާއެއް ލިބުނެވެ. މުސާރަވެސް ރަނގަޅެވެ. ވަޒީފާ ލިބުމަށްފަހު އަހަރެން ޔުމްއާ ކައިވެނިކޮށް، އުޅެމުން ދިޔައީ މާލޭގައެވެ. މަންމަ ގުޅާ ކޮންމެ ފަހަރަކު ރަށަށް އައުމަށްއެދި އާދޭސް ކުރެއެވެ. އެހެން ނަމަވެސް އެ އާދޭސް ތަކަކުން އަހަރެންގެ ހިތަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އިސްކަންދިނީ ޔުމްގެ އެދުންތަކަށެވެ. މާލެ ދޫކޮށް ރަށަށް ދާން ޔުމް އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. އަދި މަންމަ މާލެ ގެންނާކަށް ވެސް އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް އެދުވަހު އަހަރެންނަށް މުހިއްމުވީ ޔުމް އެވެ. ލޯބިވާ މަންމަ އަހަރެންނަށްޓަކައި ވީ ޤުރުބާނީ ވަނީ ހަނދާނެއް ނެތިފައެވެ.
ކައިވެންޏަށް އަހަރުވީއިރު އަހަރެންނަށް ލޯބި ލޯބި ކުޑަކުއްޖެއް ވަނީ ލިބިފައެވެ. އާދައިގެމަތިން ދުވަސްތައް ވޭތުވަމުން ދެއެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އެއީ އަހަރެންވެސް ގޭގައި އުޅުނު ވަގުތެކެވެ. އަހަރެން އިނީ އޮފީސް މަސައްކަތެއް ކުރާށެވެ. އިރުކޮޅަކުން ''ގޭގެ ބެލް ރިންގު'' ވާއަޑު އިވުނެވެ. ދެން އިވުނީ ޔުމް ކޮންމެ ވެސް އެއްޗެކޭ ވަރަށް ބާރަށް ކިޔާ އަޑެވެ. ވެގެން އުޅޭ ގޮތެއް ބަލާލުމަށް އަހަރެން ބޭރަށް ނުކުތްވަގުތު ޔުމް ދޮރުލައްޕާފައި އެތެރެއަށް ވަންނަނީ އެވެ. ކާކުތޯ އައީ އަހަރެން އަހާލުމުން، އައީ އަހަރެންގެ މަންމަ ކަމުގައި ޔުމް ބުންޏެވެ. އަދި އެއީ އަހަރެންގެ މަންމައެއްކަމަކު ކޮންމެ ކޮންމެ ގަޑިއަކު ގެޔަށް ނުވެއްދޭނޭ ކަމުގައި ބުންޏެވެ. އެވަގުތު ވެސް އަހަރެންނަށް އެއްބަސްވެވުނީ ޔުމްގެ ވާހަކައެވެ. މާމަ ދަރިފުޅު ދެކިލުމަށްޓަކައި ފުރަތަމަ ފަހަރު އަހަރެންގެ މަންމަ އައި ދުވަހު ޔުމް ކަންތައްކުރިގޮތުންވެސް އަހަރެންނަކަށް އޭނާއާއި ދެކޮޅަށް ބަހެއްނުބުނެވުނެވެ.
އެހެން ނަމަވެސް އެދުވަހަށްފަހު އަހަރެންނަށް ޖެހުނީ މާބޮޑު ކަމަކާއެވެ. އެދުވަސްވަރު މާލޭގައި ފެތުރެމުންދިޔަ ޓީ.ބީގެ ޝިކާރައަކަށް އަހަރެންވެސް ވީ އެވެ. ނަތީޖާއަކަށްވީ ބަލިއެނދުގައި ދުވަސްތައް ހޭދަކުރަން ޖެހުމެވެ. އެގޮތުގައި އެތައް ދުވަހަކު އޮންނަން ޖެހުމުން ވަޒީފާ ދޫކޮށްލަން މަޖުބޫރުވިއެވެ. އަދި ފައިސާ ވަންނަ ދޮރު ބަންދުވިއެވެ. އެއަށްފަހު ފައިސާގެ ދަތިކަން ދިޔައީ އިންތިހާ ދަރަޖައަށެވެ. އަހަރެންގެ އަންހެނުންވެސް އަހަރެން މަތިން ފޫހިވާހެން ހީވާން ފެށިއެވެ. ހީވި ހީވުން ވީ ޙަޤީޤަތަކަށެވެ. އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމިއެވެ.
''މިހާރު އަހަރެން ބޭނުމެއްނޫން އިޔާޒާއެކު އުޅޭކަށް. މިހާރުތީ ބަލިމީހެއް. އާއިލާއަށް ޚަރަދު ކުރެވެނީކީ ނޫން. އަހަރެން މިޖެހެނީ  ހުރިހާ ކަމެއްކުރަން. މިހެނެއް ނޫޅެވޭނެ. އަހަރެން ވަރިކުރޭ.” އޭނާ ބުންޏެވެ.
އަހަރެންނަށް ޔުމް ގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އޭނަ ބުނީ މިހެންނެވެ. އެހެން ނަމަވެސް ޔުމްގެ އެދުމުގެ މަތިން އަހަރެން ޔުމް މިނިވަން ކުރީމެވެ.
އަހަރެންނަށް އަޅާލާނެ މީހަކު ނެތް ދުވަހު މި އޮންނަން ޖެހުނީ ބަލި އެނދުގައެވެ. މިއަދު އަހަރެން އަހަރެންގެ މަންމަގެ މަތިން ވަރަށް ހަނދާންވެއެވެ. ބަލިވީމާ ފިރުމާ ފިރުމުންތަކާއި އަޅާލާ އަޅާލުން ހަނދާން ވުމުން އަހަރެންގެ ލޯ ކަރުނައިން ތެމުނެވެ. އެމަންމަގެ ހިތުގައި ޖެއްސުނުކަމަށްޓަކައި ހިތާމަ ކުރާ ހާލު އަހަރެން މަންމަ ހޯދުމަށް ރަށަށް ދިޔައީމެވެ. އަހަރެންނަށް މަންމަ ފެނުނެވެ. އެހެން ނަމަވެސް އަހަރެންގެ ހިތް ހަލާކުކޮށްލާފަދަ ގޮތަކަށެވެ. އަހަރެންގެ ސަބަބުން އެލޯބިލޯބި މަންމަ އެވަނީ ނިކަމެތި ވެފައެވެ. އެހެންނަމަވެސް އަހަރެން ފެނުމާއިއެކު މަންމަ އުފަލުން ރޮއި ގަތެވެ. އަދި އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަހަރެންގެ އެ ބޮޑުކުށަށް މަންމަގެ ކިބައިން މަޢާފަށް އެދުނީމެވެ.
އޭގެ ފަހުން އަހަރެން ގުނަމުން މިދަނީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ނުހާއާ ކައިވެނިކޮށްގެން 3 ކުދިންގެ ބައްޕައެއް ފުރިހަމަ ވާޖިބު އަދާކުރަމުންނެވެ. އާއެކެވެ. މީހުން ބުނަނީ ތެދެކެވެ. އެންމެ ފުރަތަމަ އެންމެ ލޯބިވާ މީހާގެ ލިސްޓަށް އަރާނީ މަންމަ އެވެ. ކައިވެނި ކުރުމަށްފަހު ލިސްޓުގެ އެންމެ ކުރީގައި އޮންނާނީ ލޯބިވާ އަންހެނުންނެވެ. އެއަށްފަހު ދަރިންނެވެ. ދެން ކާފަ ދަރިންނެވެ. އެންމެ ފަހުން ލިސްޓުގެ އެންމެ ފަހަތުގައި އޮންނާނީ ލޯބިވާ މަންމަ އެވެ. އަހަރެންނަށް ވެސް ވީހަމަ އެހެންނެވެ. އެހެން ނަމަވެސް ދެން އެހެނެއް ނުވާނެއެވެ. އަބަދުވެސް ލިސްޓުގެ ކުރީގައި އޮންނާނީ ލޯބިވާ މަންމައެވެ.


ނިމުނީ.